މަސްވެރިކަމާއި ގުޅޭ

Global Tuna Alliance

އިންޑިއާ ކަނޑުގައި ކަންނެލި ބާނާ މިންވަރު %25 ދަށްކުރުމަށް ގްލޯބަލް ޓޫނާ އެލަޔަންސްއިން ގޮވާލައިފި

އިންޑިއާ ކަނޑުގައި ކަންނެލި ބާނާ މިންވަރު %25 ދައްކުރުމަށް ގްލޯބަލް ޓޫނާ އެލަޔަންސްއިން ގޮވާލައިފިއެވެ.

އެ އެލަޔަންސްއިން ބުނީ މިއީ ކަންނެލީގެ އާބާދީ ނެތެމުންދާތީ، މިކަން ބަދަލުކޮށް، އާބާދީ އިޔާދަކުރުމަށް ބާރުއެޅުުގެ ގޮތުން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

2016 އަހަރުން ފެށިގެން ބާނަންޖެހޭ މިންވަރަށްވުރެން ގިނައިން މަސް ބޭނުމުގެ ސަބަބުން ކަންނެލީގެ އާބާދީ ދަށްވަމުންދާކަމަށް ގިނަ ދިރާސާތަކަކުން ދަނީ ދައްކަމުންނެވެ. އަދި މިކަން ރަގަނޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ 2024 ވަނަ އަހަރާއި ހަމަޔަށް އަންނައިރު ކަންނެލީގެ އާބާދީ އެކުގައިހެން ދަށަށްދާނެކަމުގެ އިންޒާރު ގްލޯބަލް ޓޫނާ އެލަޔަންސްއިން ވަނީ އިންޒާރު ދީފައެވެ. ގްލޯބަލް ޓޫނާ އެލަޔަންސްއިން މައުލޫމާތުދޭ ގޮތުގައި ގިނަ ދޯނި ފަހަރުން މަސްބޭނުމުގައި އެއްވެސް ހަމައެއް ނެތި މަސްބޭނުމުގެ ސަބަބުން ކަންނެލީގެ އާބާދީގެ އިތުރުން އެހެން މަސްމަހުގެ އާބާދީވެސް ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. އަދި މިކަމުގައި ކަނޑާއި، ކަނޑުގެ ދިރުން ދެމެހެއްޓުމަށް މަސައްކަތް ކުރާ އެކި ޖަމިއްޔާ ޖަމާއަތްތަކުން ދޭ އިންޒާރަށް އަހައްމިއްޔަތު ނުދިނުމުގެ ސަބަބުން އިޔާދަ ނުކުރެވޭފަދަ ގެއްލުންތައް ލިބެމުންދާކަމަށެވެ. 2018 ވަނަ އަހަރު އެކަނިވެސް ކަންނެލީގެ މަސްވެރިކަން ކުރާ މިންވަރު ވަނީ އޭގެ ކުރީ އަހަރާއި އާޅާކިޔާއިރު 9 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް މިއީ ކަނޑުގެ ދިރުންތަކަށްދެވޭ ބޮޑު ގެއްލުމެއްކަމަށް ގްލޯބަލް ޓޫނާ އެލަޔަންސްއިން ސިފަކުރެއެވެ.

އެ އެލަޔަންސްއިން ބުނީ މިކަން ހައްލުކުރުމަށް މަސްވެރިންނާއި، މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް ޒިންމާދާރު ކުރުމަށްޓަކައި މަހުގެ ބާވަތްތައް ވިއްކާ ފަރާތްތަކާއި އެކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާ ފަރާތްތަކާއި، މިފަދައިން ބާނާ މަހުން އުފައްދާފައިވާ ތަކެތި އެފަދަ ފިހާރަތަކުގައި ވިއްކުމަށް ބާރުއަޅާ މަސައްކަތް ކުރަމުންދާކަމަށެވެ. މިކަމުގައި ގިނަ ވިޔަފާރިތަކުން ދަނީ އެއްބާރުލުން ދެމުންނެވެ. ގިނަ ބޮޑެތި ފިހާރަތަކާއި، ވިޔަފާރިތަކުން މަހާއި، މަހުގެ އުފެއްދުންތައް ގަންނަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ބާނާ މަހާއި، މަހުގެ އުފެއްދުންތަކެވެ. ރާއްޖެއަކީ ވަން ބައި ވަން ނުވަތަ އެކަތިން އެކަތިން ކަންނެލި ބޭނުމުގައި ދެމެހެއްޓެނިވި މަސްވެރިކަމުގައި ދުނިޔޭގައި ނަންމަޝްހޫރު ޤައުމެކެވެ. އަދި ރާއްޖޭގެ މަހާއި، މަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުގައި މަޤުބޫލުވާ އެއް ސަބަބަކީވެސް މިއީއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!