Hanifaru-bay, Photo: Huraa island.com

ހަނިފަރަށް ގެއްލުންވާތީ ދޮންފަނުގެ ބިންހިއްކުން ހުއްޓުމަށް ގޮވާލާ ޕެޓިޝަނެއް، 3500އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ބ. ދޮންފަނުން 13 ހެކްޓްރުގެ ބިން ހިއްކައިފިނަމަ އެރަށާ ޖެހިގެން އޮންނަ ހަނިފަރު ސަރަހައްދަށް ގެއްލުންވާނެތީ، އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ގޮވާލައި ޕެޓިނަޝެއް ފަށައިފިއެވެ.

ދޮންފަނުކައިރީ އޮންނަ ހަނިފަރަކީ ޔުނެސްކޯ ބައޮސްފެއާ ރިޒާވްގެ ގޮތުގައި ކަނޑައަޅައި، ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދަކީ ގިނަ އަދަދެއްގެ އެންމަޑިއާއި ފެހުރިހި ފެންނަ ސަރަހައްދެކެވެ. ކަނޑު އަޑީގެ ދިރުންތަކުން މުއްސަނދިވެފައިވާ މި ސަރަހައްދަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ސަރަހައްދެކެވެ.

މި ޕެޓިޝަންގައި ސޮއިކުރުމަށް އާންމުންނަށް ހުޅުވާލައިފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ރެޒިލިއަންސް މޯލްޑިވްސްއިންނެވެ. މި ޕެޓިޝަންގައި ވަނީ، ދޮންފަނުން 13 ހެކްޓަރުގެ ބިން ހިއްކުމަކީ ހަނިފަރަށް ބޮޑު ގެއްލުމެއް ކުރިމަތިކުރުވަފާނެ ކަމެއްކަމަށެވެ. ބިން ހިއްކުމުގެ ސަބަބުން އެ ސަރަހައްދުގެ އޮއިވަރަށް ބަދަލުއައިސް، ދިރުންތަކުގެ ކާނާގެ ނިޒާމަށް ބަދަލުތަކެއް އަތުވެދާނެކަމަށް އެ ޕެޓިޝަންގައި ވެއެވެ. އަދި މުރަކަތަކާއި އެހެނިހެން ދިރުންތައް ހަލާކުވާނެ ކަމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ.

މީގެ އިތުރުން މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް ވެސް ރެޒިލިއަންސް މޯލްޑިވްސްއިން ބުނެފައި ވެއެވެ. މި ގެއްލުންތަކުން އަރައިގަތުމަށް އެތައް ގަރުނެއް ހޭދަވާނެކަމަށް ޕެޓިޝަންގައި ލަފާކޮށްފައި ވެއެވެ.

ހަނިފަރަކީީ ރާއްޖޭގެ އިގްތިޞާދަށް ލިބިފައިވާ ޚަޒާނާއެއް ކަމަށާއި މި މަޝްރޫއު ވަގުތުން މަޑުޖައްސައި، އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހާމަކުރުމަށް މި ޕެޓިޝަންގައި ވަނީ ގޮވައިލައިފައެވެ. މި ޕެޓިޝަންގައި މިހާތަނަށް ވަނީ3500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައެވެ.

ދޮންފަނުގެ ބިންހިއްކުން ސަރުކާރު ކުންފުނި އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދޮންފަނަށް ވަޑައިގެން މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ720 ދުވަސްތެރޭ ނިންމާގޮތަށް214 މިލިއަން ރުފިޔާއަށެވެ.

ވ

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!