މަސްވެރިކަމާއި ގުޅޭ

nss

މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދުތަކަށް މިފްކޯގެ ބޯޓްތައް!

އިއްޔަ އަކީ ޖުމްލަކޮށް ބަލާނަމަ މުޅި ރާއްޖެއަށްވެސް މަސްވެރިކަން ރަނގަޅު ދުވަހެކެވެ.

ވަކިން ޚާއްޞަކޮށް މެދުރާއްޖެތެރެއަށް މަސްވެރިކަން ވަރަށް ރަނގަޅެވެ. މ.އަތޮޅާ ދިމާ ބޭރުން ގދ. ފަރެސްމާތޮޑާ "ބާޚިރާ" 47 ޓަނު މަސް ބޭނިއިރު ކުޑަހުވަދޫ ނިއުމަތު-2 ވެސް ތިރީހަކަށް ޓަނު ބޭނިއެވެ. މީގެއިތުރުން ބައެއް ދޯނިފަހަރު އެސަރަހައްދުން 15 ޓަނާ 10 ޓަނާ ދެމެދުގެ އަދަދަކަށް މަސްބޭނިކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެސަރަހައްދުގައި އިއްޔަ މަސް ކިރޭނެ ގޮތެއް ނެތެވެ. މަސް ކިރަން ދާންޖެހުނީ ލ. މާންދުއަށާއި ގއ.ކޫއްޑޫއަށެވެ.

ނަމަވެސް މިއަދު މ. އަތޮޅާ ދ. އަތޮޅުގައި މިފްކޯގެ ދެ ބޯޓް ހަރަކާތްތެރިވާނެއެވެ. މިފްކޯގެ ޕޯޓް ޕްލޭންގައިވާ ގޮތުން އެކުންފުނީގެ މަސް ގަންނަ ބޯޓެއް ކަމަށްވާ "ރަންދީ-10" މ. މުލަކު ބޭރުން މިއަދު މަސްގަންނާނެއެވެ. މި ބޯޓަށް 45 ޓަނު މަސް ގަނެވޭނެއެވެ. މީގެއިތުރުން މިފްކޯގެ "ރަންދީ-25" ދ.ކުޑަހުވަދޫ ބަނދަރުން މިއަދު މަސް ގަންނާނެކަމަށް މިފްކޯއިން ބުނެއެވެ. މިބޯޓަށް ނެގޭނީ 19.3 ޓަނު މަސް ކަމަށް އެކުންފުނިން އިޢުލާންކޮށްފައިވާ ޕޯޓް ޕްލޭންގައި ވެއެވެ.

މަސްވެރިކަން ރަނގަޅު ސަރަހައްދުތަކުގައި މަސް ކިރޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ. ސަބަބަކީ ވަގުތު ސަލާމަތްވެ އަނެއް ދުވަހު މަހަށް ނިކުތުމުގެ ފުރުޞަތު ފަހިވެގެންދާތީއެވެ. އަދި ތެލާ، އައިސް އަށް ކުރަންޖެހޭ ޚަރަދު އެތައް ގުނައެއް ކުޑަވެގެންދާނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!