މިވަގުތު އެމްޑީޕީން ކުރިއަށް ގެންދަނީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
"ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުން ފަށާފައި ވަނީ މިރޭ ގާތްގަނޑަކަށް ނުވައެއް ޖެހިއިރެވެ. މި އެއްވުމުގައި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފައެވެ. އޭގެތެރޭގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.
އެބޭފުޅުން ވާހަކަ ދެއްކެވުމަށްފަހު، އެއްވުމުގެ ބައިވެރިން ސުލްހަވެރި ހިނގާލުމަކަށް މިސްރާބު ޖެހީ މަޖީދީ މަގަށެވެ. ނަމަވެސް، މަޖީދީ މަގަށް ވަނުމަށް ފުލުހުން ހުރަސްއެޅިއެވެ. އެއާއެކު ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ވަނީ ބޮޑު ކުރިމަތިލުމެއް ހިނގައިފައެވެ.
މި އެއްވުމުގައި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި މުޒާހަރާއަކަށް ބަދަލުވެފައި ވާއިރު، މި މުޒާހަރާއާ ގުޅިގެން މިނިސްޓަރު އިހުސާނު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. މުޒާހަރާގެ ވީޑިއޯއެއް ހިއްސާކުރައްވައި މިނިސްޓަރު ލިޔުއްވާފައި ވަނީ، ފުލުހުން މުޒާހަރާ ހުއްޓުވަން ގެންގުޅޭ ސާމާނު މުޒާހަރާގެ ބައިވެރިން ގަދަކަމުން އަތުލައިފައި ވާކަމަށެވެ. އެހެންކަމުން މިއީ ސުލްހަވެރި އެއްވުމެއް ނޫންކަމަށާއި މިފަދަ އަމަލުތަކަކީ ގާނޫނާ ޚިލާފު އަމަލުތަކެއްކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
މިނިސްޓަރުގެ މި ޕޯސްޓަށް އެމްޑީޕީން ވަނީ ޖަވާބުދީފައެވެ. އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ، ފުލުހުން ބާރުގެ ބޭނުންކޮށް އެއްވުން ހުއްޓުވަން މަސައްކަތް ކުރިކަމަށެވެ. އަދި މިނިސްޓަރު ހައްދަވާފައި ވަނީ އިތުރުފުޅެއްކަމަށާއި މިއީ ފުލުހުންގެ އަނިޔާވެރިކަން ދިފާއުކުރުމަށް ކުރައްވާފައިވާ ޕޯސްޓެއްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި އެމްޑީޕީގެ އެއްވުމަށް ހުރަސްއަޅައިފައި ވަނީ ހުއްދަ ނުދޭ މަގަކަށް ނުކުންނަން މަސައްކަތް ކުރުމުންނެވެ. ފުލުހުން ވަނީ އެއްވުން ހުއްޓުވުމަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ.