ބްރޯޑްކާސްޓް ކުރުމަކީ ވަރަށް ޒިންމާދާރުކަމާއިއެކު ދޭންޖެހޭ ހިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ ގައުމީ ބްރޯޑްކާސްޓިންގ ދުވަހުގެ ތަހުނިޔާ މި ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަރިސްކޮށްފައެވެ.
ރައީސް ވިދާޅުވީ ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ހިދުމަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ބްރޯޑްކާސްޓަރެއްގެ ވެސް އަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މައުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށާއި ގައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން ކަމަށެވެ.
ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައީ ރޭޑިއޯގެ ޚިދުމަތާއެކުގައެވެ. އެއީ މީގެ 63 އަހަރު ކުރިން 29 ޑިސެމްބަރު 1962 ގައެވެ. ބްރޯޑްކާސްޓިންގެ ތެރެއިން ޓީވީގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ޓީވީ މޯލްޑިވްސްގެ ޚިދުމަތާއެކުގައެވެ.