ރޭ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި ގާނޫނާ ޚިލާފު ހަރަކާތްތަކެއް ހިންގި ކަމަށާއި، އެ އެއްވުން ރޫލައިލުމަށް ފުލުހުން ބާރުގެ ބޭނުންކުރީ ގަވާއިދުގައި ހުއްދަކުރާ ގޮތަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ރޭ އެމްޑީޕީން "ލޫޓުވައިފި"ގެ ނަމުގައި އެއްވުން ފެށީ ގާތްގަނޑަށް ނުވައެއް ޖެހިއިރެވެ. މި އެއްވުމުގައި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ވާހަކަ ދެއްކެވިއެވެ. އޭގެތެރޭގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.
އެބޭފުޅުން ވާހަކަ ދެއްކެވުމަށްފަހު، އެއްވުމުގެ ބައިވެރިން ސުލްހަވެރި ހިނގާލުމަކަށް މިސްރާބު ޖެހީ މަޖީދީ މަގަށެވެ. ނަމަވެސް، މަޖީދީ މަގަށް ވަނުމަށް ފުލުހުން ހުރަސްއެޅިއެވެ. އެއާއެކު ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ވަނީ ބޮޑު ކުރިމަތިލުމެއް ހިނގައިފައެވެ. މި އެއްވުން މުޒާހަރާއަކަށްވެ، މުޒާހަރާ ރޫޅައިލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ސޮނިކް ވެޕަން ބޭނުންކުރިއެވެ.
މި އެއްވުމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައ ވަނީ، މި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެއްވުން ކުރިއަށްގެންދަން މަސައްކަތް ކުރީ، އެ ޕާޓީގެ މެމްބަރުންނާއި ފުލުހުން ކުރިން މަޝްވަރާކޮށް އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ކަމަށެވެ. އަދި މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި ކުރިން އެއްބަސްވި ގޮތަށް އެއްވުން ކުރިއަށް ގެންދަން ފުލުހުން އިލްތިމާސް ކުރުމުން އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލު ނުކޮށް، ފުލުހުންނާ ކުރިމަތިލައި، ފުލުހުން މަގު ބަންދުކުރަން ބޭނުންކުރި ބެރިކޭޑްތައް ނަގައި އެއްލައިލި ކަމަށް އެ ބަޔާނުގައި ވެއެވެ.
"... ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ޝިލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާ ޚިލާފު ހަރަކާތްތައް ހިންގައިފައި ވެއެވެ،" އެ ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ، ގާނޫނުގައި ބަޔާންކުރާ ސލްހަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ ކިބައިން ގެއްލުމުން ފުލުހުންގެ ފަރާތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެއްވުން ހުއްޓުވަން ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާއެކު ކޮށްފައި ވާނެކަމަށެވެ. އަދި މި އެއްވުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ، ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިޚުތިޔާރުގެ ތެރެއިން ކަމަށް މި ބަޔާނުގައި ވެއެވެ.
"އެއްވުން ހުއްޓުވައި އަމަން ގާއިމްކުރުމަށް ފުލުހުން ބޭުންކޮށްފައިވާ ބާރަކީ އެފަދަ ހާލަތެއްގައި ބޭނުންކުރުމަށް، ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައްކަމާއި އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަން ޖެހޭ އަސާސްތައް ނަގަހައްޓާފައި ވާނެކަމުގައި ވެސް ދަންނަވަމެވެ،" އެ ބަޔާނުގައި ވެއެވެ.
ފުލުހުން ރޭ ވަނީ އެއްވުން ހުއްޓުވުމަށް ބާރުގަދަ އެލާމެއް ފޮނުވާ ސޮނިކް ވެޕަން ބޭނުންކޮށްފައެވެ. މިއީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑުކިޔައިފައެވެ.