ޕެޕާ ސްޕްރޭ އަކީ ސީދާ އޭގެ ޒާތުގައި ހާޓް އެޓޭކް ޖެހެން މެދުވެރިކުރުވާ އެއްޗެއް ނޫންކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
ރޭ އެމްޑީޕީގެ އެއްވުމުގައި ބައިވެރިވި އެ ޕާޓިގެ ހުޅުމާލެ މެދު ދާއިރާގެ ރައީސް މުހައްމަދު ރަސްލާން ހާޓް އެޓޭކެއް ޖެހުމުގެ ސަބަބަބުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ ޕެޕާ ސްޕްރޭގެ ސަބަބުންނެވެ.
މިކަމާ ގުޅިެގން އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހާޓް އެޓޭކް ޖެހެން މެދުވެރިވަނީ، ސިއްހީ ކޮންމެވެސް މައްސަލައަކާ ހެދި ހިތުގެ ލޭހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުން ހުއްޓުމުން ކަމަށެވެ. މިހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ރޭ ބޭއްވި އެއްވުމުގެ ބައިވެރިއަކަށް ހާޓް އެޓޭކެއް ޖެހުމުން އެކަމުގައި ހުރި ކަންބޮޑުވުންތައް އާންމުން ހިއްސާކޮށްފައިވާކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީގޮތުން ނޭވަޔަށް އުނދަގޫކޮށް، ކެއްސި ނަމަވެސް އެއީ ސީދާ އޭގެ ޒާތުގައި ހާޓް އެޓޭކް ޖެހޭނެ އެއްޗެއް ނޫންކަމަށާއި ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަަބުން ސިއްހީ މައްސަލަތައް ހުންނަ މީހަކަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
"މި ހާދިސާއަށްފަހު ބަލިމީހާއަށް ފަރުވާދީ، ހާލު ރަނގަޅުވެ ބަލިމީހާ މިހާރު ވަނީ ސީސީޔޫގައި އެޑްމިޓްކޮށްފަ،" އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.
އެ ހޮސްޕިޓަލަށް ފަރުވާ ހޯދަންދާ ކޮންމެ ބަލިމީހެއްގެ ހާލަތަށް ބަލައި އެވަގުތު ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް ދޭނެކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ދީފައެވެ.