ރާއްޖޭގައި ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަގީންކަން ގާއިމްކުރެވޭ މިންވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދަނޑުވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައި ވާކަމަށް ރައީސްގެ އެ ޕޯސްޓުގައި ވެއެވެ. އެހެންކަމުން،
ދުވަހުގެ ހެޔޮ އެދުންތައް ދަންނަވަނީ ރާއްޖެއަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދުތަކާއެކު ކަމަށް އެ ޕޯސްޓުގައި ވެއެވެ.
ދަނޑުވެރިކަން ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއަރުވަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާކަން މީގެކުރިން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. މި ސަރުކާރުން ދަނޑުވެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ނަމުގައި ވަނީ ވަކި ވުޒާރާއެއް ވެސް އުފައްދައިފައެވެ.
މީގެ ކުރިން ރައީސް ވަނީ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ފައްޓަވާނެކަން ވެސް އިއުލާނު ކުރައްވައިފައެވެ.