ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ 716 އުޅަނދު އެބަހުރި ކަމަސް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފުލުހުންނެވެ.

މި މަސައްކަތުގެ ތެރެއިން ކާރާއި ސައިކަލާއި ޕިކަޕުގެ އިތުރުން ގިނަދުވަސްވެ ބާވެފައިވާ ވޭން ހިމެނޭހެން 716 އުޅަނދު ދެނެގަނެވިފައިވާކަން ފުލުހުން ހާމަކުރިއެވެ. ފުލުހުން ބުނީ މި އުޅަނދުތަކުގެ މައުލމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައި ވާކަމަށެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެކުރިން ވެސް ފުލުހުން ވަނީ މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ބާ އުޅަނދުތައް ނަގައިފައެވެ. އަދި ކަފިހިހުރަސް މަތީގައާއި ހިނގާމީހުންނަށް އުނދަގޫވާހެން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ވެސް ފުލުހުން ނަގައެވެ.