މަސްވެރިކަމާއި ގުޅޭ

މަސްވެރިންގެ އަޑު

ފައިސާ ނުލިބި ލަސްވުމުން މަސްވެރިންތަކެއް ކޫއްޑޫގައި މުޒާހަރާކޮށްފި

ކޫއްޑޫއަށް މަސްކިރުވުމަށްފަހު އެއަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާތީ މަސްވެރިންތަކެއް އެ ރަށުގައި މުޒާހަރާކޮށްފިއެވެ.

ކޫއްޑޫ އޮފީސް ކުރިމައްޗަށް އެއްވެ އަޑު އުފުލި މަސްވެރިން ވަނީ ބިލްތަކަށް ފައިސާ ނުލިބި ލަސްވަމުންދާތީ އެމީހުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުންދާކަން ފާހަގަކޮށް ފައިސާ ދިނުން އަވަސްކޮށްދިނުމަށް ގޮވާލާފައެވެ. އަދި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްވެސް ވަނީ ގޮވާލާފައެވެ.

ފުލުހުން ވިދާޅުވީ ކޫއްޑޫގައި މުޒާހަރާކުރި މީހުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ކޫއްޑުގައި މަސް ގަތުމުގެ މަސައްކަތް ކުރަނީ މިފްކޯއިންނެވެ. މަސް ކިރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެއްކި ހުރި ފައިސާ މުއްދަތުތަކަށް ބަހާލައިގެން ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިދިޔަ ހަފުތާގެ ތެރޭގައިވެސް އެ ކުންފުނިން ވަނީ ބައެއް ބިލުތަކަށް ފައިސާ ދޫކޮށްފައެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ނުދެއްކި ހުރި ބފައިސާ މާދަމާ އިން ފެށިގެން ދޫކުރާނެ ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

މިފްކޯއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސް ކިރުވުމަށްފަހު ލަސްނުކޮށް މަސްވެރިންނަށް ފައިސާ ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރު ދުނިޔެ އަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރު ކަމުގެ ސަބަބުން ވިޔަފާރީގައި ދަތިތަކެއް ހުރި ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

 

މަސްވެރިންގެ އަޑު: ތިބޭފުޅުންގެ އަޑު ފޮނުވާނީ ކިހިނެއް؟

"މަސްވެރިންގެ އަޑު" މިބައިގައި މަސްވެރިން ހިމަނަން ބޭނުންވާނަމަ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް ނުވަތަ

ޓްވިޓާރ އިން ތިރީގައިވާ ހޭޝްޓެގް ޖައްސަވާ ޓްވީޓް ކުރައްވާ!

ހިޔާލު ފާޅުކުރައްވާ!