މަސްވެރިންނަށް އަޅައިލި ހަމައެކަނި ރައީސަކީ، ރައީސް މުއިއްޒު

މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުދީގެން މީގެކުރިން މަސްވެރިން ވަނީ އެތައް މުޒާހަރާއެއް ކޮށްފައެވެ. އެތައް އާދޭހެއް ސަރުކާރުގެ ވެރިންނާއި ރައީސުންގެ ގާތުގައި ކޮށްފައެވެ. މަސްވެރިންގެ ބަހުންނަމަ މީގެކުރީގެ ވެރިކަންތަކުގައި މަސްވެރން ތިބީ "މަގުމަތި" ކޮށްފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކެނޑިޑޭޓް އަދި މިހާރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅަކީ މަސްވެރިންގެ އެ އުދާސްތަކަށް ނިމުމެއް ގެނެސް، ސަރުކާރަކުން މަސްވެރިން ބަލައިގަންނާނެ ކަމެވެ.

ރިޔާސީ ރޭހަށް ނުކުންނެވީ މަސްވެރިންގެ އަތުން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުން މެނިފެސްޓޯގައި ލިޔުއްވައިގެންނެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމާއި ހަވާލުވީއިރު، ކުރީ ސަރުކާރުގެ އިހުމާލުގެ ސަބަބުން މަސްވެރިންނަށް ނުދައްކާ، 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތެވެ. އެ ބެކްލޮގް ފިލުވާލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދެއްވި އިސްކަމުގެ ތެރެއިން އެކިފަހަރު މަތީން މަސައްކަތްކޮށް ބެކްލޮގް އެއްކޮށް ފިލުވާލައި މަސްވެރިންނަށް ދޭންވާ ހުރިހާ ފައިސާއެއްދީ މި ސަރުކާރުން ހަލާސްކުރިއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާ ހަމައަށް އުފެދިފައި އޮތް 38 މިލިއަން ރުފިޔާގެ ބެކްލޮގް ސަރުކާރުން ފިލުވާލީ ޑިސެމްބަރ މަހުގެ ނުވަވަނަ ދުވަހުއެވެ. ޑިސެމްބަރ ދިވަހަވަނަ ދުވަހުން ފެށިގެން މަސްވެރިން އަތުން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން ދެއްވައި އެކަން އަމަލީގޮތުން ދިހަވަނަ ދުވަހުން ފެށިގެން ފައްޓަވާނެކަމުގެ އުފާވެރި ހަބަރު ރައީސް ދެއްވާފައި ވަނީ މިދިޔަ އަހަރު ކ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި، ދަތުރުފުޅުގައި އެ އަތޮޅު ގާފަރު، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.

އެ ދުވަހު ރައީސް ވިދާޅުވީ "48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނީ ބީއެމްއެލްގައި މަސްވެރިންގެ އެކައުންޓް ހުޅުވައިފައިވާ ފަރާތްތަކަށް ކަމަށެވެ މިއީ-ފިނޭންސް މިނިސްޓްރީއާއި މިފްކޯ އަދި ބީއެމްއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ކުރިއަށް ގެންދާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް މުހިންމު އެގްރިމެންޓެއް އިއްޔެ ހަދާފައިމިވަނީ، އެއީ ފިނޭންސް މިނިސްޓްރީއާއި މިފްކޯ އާއި ބީއެމްއެލްއާ ދެމެދު، އެގްރިމެންޓެއްގައި ސޮއިކޮށްފައި މިވަނީ، ބީއެމްއެލްގައި އެކައުންޓެއް އޮތް ނަމަ މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދޭނެ "އެމްއައިބީގައި އެކައުންޓް ހުރި ފަރާތްތަކަށް އަދި އިތުރު ގޮތްތަކެއް ހޯދަން ޖެހޭ" -ރައީސް ވިދާޅުވިއެވެ.

އެދުވަހުން ފެށިގެން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުތެރޭ މިފްކޯއިން ދަނީ ފައިސާ ދޫކުރަމުންނެވެ. އަދި ދޫކުރާ ފައިސާގެ އަދާހަމަ ވެސް ދަނީ އާންމުކުރަމުންނެވެ. މިދިޔަ މަސްވެރިންގެ ދުވަހާއި ދިމާކޮށް ސަރުކާރުން ވަނީ މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ތަންތަން ވެސް ކަނޑައަޅައިފައެވެ. އެއީ ކ ހިންމަފުށި، އައްޑޫ ސިޓީ ހުޅުމީދ ކުއްޑޫ އަދި ފެލިވަރެވެ.

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް -ފިލުވުމަށްފަހު  48ގަޑިއިރުތެރޭ ފައިސާ ޖަމާކުރަން ފެށުމުން، މަސްވެރިންގެ ދުވަސްވީ، އުދާސްތަކަށް، ވަނީ ނިމުން އައިސްފައެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި މީގެކުރިން ސަރުކާރުތަކުން ކަންކުރަމުންދިޔަ ގޮތުގެ ސަބަބުން މަސްވެރިކަން ދޫކޮށްލާފައި ތިބި އެތައް ބަޔަކު މިހާރު މަސްވެރިކަން ކުރަން އަލުން ފަށާފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި، ޒުވާނުން ވެސް ހިމެނޭކަމަށާއި މަސްކިރުވާފައި ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު ހާއްސަކޮށް ޒުވާނުން އަނބުރާ މަސްވެރިކަން ކުރަން ފަށާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަކީ ސަރުކާރުން ބަލައިގަންނަ ދާއިރާއެއްކަން ކަށަވަރު ކުރުމަށް، ފައިސާގެ ފަހި ފުރުސަތާއި އަދި އެ ނޫންވެސް ފުރުސަތުތައް އުސޫލެއްގެ ތެރެއިން ފައިކޮށްދީ މަސްވެރިކަން ކުރިއަރުވަން މި ސަރުކާރުން ވަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި، ދަފްތަރުވެފައިވާ މަސްވެރި އުޅަނދުތަކަށާއި މަސްވެރިންނަށް ފްލެޓަށް ކުރިމަތިލުމާއި ލޯނަށް ކުރިމަތިލުންފަދަ ކަންކަން ފަހިކޮށްދީފައެވެ.

48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމާއިއެކު ފައިސާއަށް "ސަލާން" ޖަހައި މަސްވެރިން ކުރި މުޒާހަރާތައް މިއަދު މި ވަނީ ނިމުމަކަށް އައިސްފައެވެ. މަސްވެރިންގެ އުދާސްތައް ފިލުވައިދެއްވަން މަސައްކަތް ކުރެއްވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން މިއަދު މަސްވެރިން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!