480503219_939167935069602_6905907724635344932_n_e992dd9db8

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރާނަމަ އުޅަނދުތައް ޓޯކުރާނެކަމުގެ އިންޒާރު ދީފި

ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ، އުޅަނދުތައް ޓޯކުރާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އެގޮތުން ޑިސެމްބަރު ހަވަނަ ދުވަހުން ފެށިގެން މިފަދަ އުޅަނދުތައް ޓޯކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ގެންދިއުމަށްވަނީ ހަމަޖެހިފައި ވާކަމަށް ފުލުހުުން ބުންޏެވެ. މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޚިދުމަތުން ޒިންމާ ނުވާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމުގައި ވެސް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޑިސެމްބަރު ފަސްވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެންގުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!