ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް "ލޯކަލް ޕޮލިސިން ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ފަށައިފިއެވެ.
މިއަދު ކޮންފަރެންސް ފެށުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މިއަދާއި މާދަމާ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ޕޮލިސިން ކޮންފަރެންސްގެ ބޭނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.