ލ. ގަން، ތުނޑި އިންޖީނުގޭގައި ރޯވި އަލިފާން ނިއްވައިލައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ހާދިސާގެ ރިޕޯޓް މިއަދު 15:01 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔާ ސްޓޭޝަނަށް ލިބުނު ކަމަށެވެ. އެއާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ވާކަމަށް އި ޚިދުމަތުން ބުންޏެވެ.
"މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 16:26 ހާއިރުއެވެ. އަލިފާން ނިއްވާލުމަށް ކައްދޫ އެއާޕޯޓުގައި މަސައްކަތްކުރާ ފަޔާ ފައިޓަރުން ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ،" އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް، އިންޖީނު ގޭގައި ބޭނުންކުރަމުން ދިޔަ ޖަނަރޭޓަރު އެކެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިފައެވެ. އެހެންކަމުން ފޮނަދޫ ފިޔަވައި ގުޅިފައިވާ އެހެން ރަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.