1_Suspect_2_e4e84eef16-2

ވައިބާ ހެކްކޮށް އެކިފަހަރުމަތިން އޮޅުވައިލައިގެން ފައިސާ ހޯދި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙުއެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ސަމާހު މިކަމަށް އަމިއްލަ އެކައުންޓެއް ބެންކުގައި ހުޅުވައި މަންފާ ހޯދުމަށް އެއެކައުންޓް ކުއްޔަދީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެފައިސާ ނަގާފައިވާކަން ފުލުހުންގެ ތަހުގީގަސް އެނގިފައި ވާކަމަށެވެ. މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވެއެވެ.

މިއީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާއާއެވެ. ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!