ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ

ތިންވަނަ ފިޔަވަހީގެ 30 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާރު 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިންމާފައިވާކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު އަލުން ފެށުނު މި މަސައްކަތް އަވަސް ކުރުމަށްޓަކައި މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދެ ޑްރެޖަރު ބޭނުންކުރަމުންދާކަމަށާއި، މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެޗްޑީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއި ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމައި ގޯތިތައް ދޫކުރެވެން ފަށާނެކަމަށެވެ. މި މަސައްކަތް ނިމުމުން ޑްރެޖަރުތައް ގުޅީފަޅު ހިއްކުމަށް ބޭނުންކުރެވޭނެކަމަށާއި، ގުޅީފަޅުގެ ބިން ގާތްގަނޑަކަށް ދެތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ހިއްކައި ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގުޅީފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމާއި ގުޅުންހުރި މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން މިހާރު 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތްތައް ކުރިއަށް ގެންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތުގެ އިތުރުން ގުޅީފަޅާއި ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ވަނީ އަވަސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!