މިދިޔަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ލުބުނު ގެއްލުން 546،090.27 ރުފިޔާއަށް އަރާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ވަނީ، މިދިޔަ ހަފުތާގައި48 ރިޕޯޓެއް އެ އިދާރާއަށް ލިބިފައި ވާކަމަށެވެ. އަދި ގެއްލުނު ފައިސާގެ ތެރެއިން ރިކަވާކުރެވުނީ 180،109 ރުފިޔާކަމަށް އެ އިދާރާއިން ބުންޏެވެ.
މިދިޔަ މަހު އެންމެ ގިނަ މީހުން ސްކޭމ،ްކޮށްފަިއ ވަނީ އަސްލު އޮޅުވާލައިގެން އެހެން މީހެއްގެ ގޮތުގައި ދައްކައިގެންނެވެ. މިފަދަ 18 މައްސަލައެއް ހުށަހަޅާފައި ވާއިރު، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ސްކޭމް ކުރުމުގެ 15 މައްސަލައެއް ހުށަހަޅައިފައި ވެއެވެ. ފިޝިން ލިންކުތައް ބޭނުންކޮށްގެން މިދިޔަ މަހު ހަ މައްސަލައެއް ރިޕޯޓުކޮށްފައި ވާއިރު، ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމްކުރުމުގެ ހަތަރު މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ.
އެހެނިހެން ގޮތްގޮތަށް ސްކޭމްކުރުމުގެ ފަސް މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނީ ސްކޭމް ކުރުމަށް މިދިޔަ މަހު ބޭނުންކޮށްފައި ވަނީ:
- ފޯން ކޯލް
- އައިބޭ
- އޮންލަިއން މެސެޖިން މަންސަތައް
- ފިޝިން ލިންކް
- ފޭސްބުކް މާކެޓްޕްލޭސް
ސްކޭމްގެ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، ވީ އެންމެ އަވަހަކަށް ރިޕޯޓުކުރަން ފުލުހުން ވަނީ އެދިފައެވެ. އަދި ޕާސްވޯޑް، އޯޓީޕީ، ޕިން ފަދަ އެއްޗެހި އެހެންމީހުންނާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.