447576_01ce3635-e_

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައު މަސްމާރުކޭޓެއް އަޅަނީ

މާލޭގައި ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރައްވާފައި ވަނީ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގައި ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ މޭޔަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވި އިރު ފެށި މި މަޝްރޫޢު އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުއްޓާ، މިހާރު ޖަޕާން ސަރުކާރުން މިކަން ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން، މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި، މަސްމާރުކޭޓާއި ތަރުކާރީ މާރުކޭޓު ހިމެނޭ 7 ފަންގިފިލާގެ ޒަމާނީ މިކްސްޑް ޔޫސް މާކެޓެއް ބިނާކުރާނެ ކަމަށާއި، މިކަމަށް ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އޮފީސް ޖާގަ ދިނުމަށް މިހާރު މަސްމާރުކޭޓު ހުރި ތަނުގައި އިމާރާތެއް އެޅުމަށް ވެސް ރާވާފައިވާ ކަމަށާއި، މި މަސައްކަތް ފެށުމުގެ ކުރިން، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު ވަގުތީ ގޮތުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރާނެ ކަމަށެވެ.

ސަރުކާރުން އުއްމީދުކުރަނީ މި މަޝްރޫޢާއެކު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، މާލޭގެ މާރުކޭޓު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!