Whats_App_Image_2025_12_08_at_15_47_08_f5807b3d98

ތަފާތު ގިނަ ފީޗާތަކާއެކު ފުލުހުންގެ އެޕްލިކޭޝަން އިފުތިތާހުކޮށްފި

ތަފާތު ގިނަ ފީޗާތަކާއެކު ފުލުހުންގެ އެޕްލިކޭޝަން މިއަދު އިފުތިތާހުކޮށްފިއެވެ.

މި ޚިދުމަތް އިފުތިތާހުކުރީ، މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025"ގެ ނަމުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) މުޙައްމަދު ފަސީޙުއާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ އެކި ބަހާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ ޑރ. މުހައްމަދު ކިނާނަތުއެވެ. އަދި ސައިބާ ޕޯޓަލް އިފުތިތާހުކޮށްދެއްވީ ސީޕީ ނަވީނެވެ.

ޕޮލިސް އެޕްލިކޭޝަންގެ ފީޗާސްތަކަށް ބަލާއިރު އެންމެ ހާއްސަ ފީޗާއަކީ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެވެ. އެޕްލިކޭޝަން ހިމެނޭ އެހެން ފީޗާސްތަކަކީ ސްކޭމް ޗެކްކުރެވުމާއި އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗާސްތަކެވެ.

މިއަދު އިފުތިތާހުކުރެވުނު ސައިބާ ޕޯޓަލްއަކީ މުޖުތަމައުގައި ހިނގާ ސައިބާ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށް ފުލުހުންގެ އިދާރާއިން ވަޏީ ބުނެފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާޗްކުުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށްފައިވާ ފްލީޓް މެނޭޖްމަންޓް ސިސްޓަމާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އަދި މުވައްޒަފުން އެންމެ ގިނައިން ބޭނުންކުރާ އެންޓްރީ މެނޭޖްމަންޓް ސިސްޓަމާއި ފުލުހުންގެ އުމްރާނީ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގެ އަދާހަމަ ފަސޭހައިން ބެލޭނެ އިންތިޒާމްތައް ފަހިކުރުމުގެގޮތުން ތައްޔާރުކޮށްފައިވާ ޕޮލިސް އިންފްރާސްޓަރަކްޗާ ޕްރޮޖެކްޓްސް ސިސްޓަމް ދައްކާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!