448616_51a61926-8_

މި ސަރުކާރުން މަސްވެރިކަމަށް 4.5 ބިލިއަން ރުފިޔާގެ އިންވެސްޓް ކުރުމަށް ވަނީ ހަމަޖެހިފައި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން 4.5 ބިލިޔަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތްކުރައްވަމުންދާ ކަމަށާއި، މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުކަމަށްވާ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން ވަނީ ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް މަސްވެރިންނަށް 900 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މުޅި 2 އަހަރުގެ ތެރޭގައި 1.7 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ސަބަބުން މަސްވެރިކަމަށް އާރޯކަމެއް ލިބިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ބޮޑު ކަންނެލި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުމުގެ ވަޢުދުވެސް ވަނީ ފުއްދާފައެވެ. އަދި ހުޅުމާލޭގައި އެ މަސްވެރިންނަށް ޚާއްސަ ފެސިލިޓީ އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގެ 50 އިންސައްތަ ހިއްސާކުރަނީ ރާއްޖެއިން ކަމަށެވެ. މަސް ރައްކާކުރެވޭ ކެޕޭސިޓީ މިހާރު ހުރި 9،500 ޓަނުން 25،000 ޓަނަށް އިތުރުކޮށްގެން ދުނިޔޭގެ ބާޒާރުގައި މަހަށް އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމުގައި ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ވަޒީރު ވިދާޅުވީ  މަސް ބަންދުކުރުމުގެ ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް، އެކްސްޕޯޓު އާމްދަނީ 190 މިލިޔަން ޑޮލަރަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ ސިނާއަތް ސިންދަފާތުކުރުމަށް އައު އުފެއްދުންތައް ނެރުމަށް 128 މިލިޔަން ރުފިޔާގެ އެހީ (40% ހިލޭ) އާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 27.7 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށްވެސް ހަމަޖައްސާފައިވާ ކަމަށާއި، މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޒޯންތައް އެކުލަވާލައި އިންވެސްޓަރުންނަށް ހުޅުވާލާފައިވާއިރު، އައިސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ހުރިހާ ދޯންޏެއްގައި RSW ސިސްޓަމްތައް ޤާއިމްކުރެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ދޯނިތަކުގައި އެން ގެންގުޅެވޭނެ ނިޒާމު ތިން ދޯނިގައި މިހާރު ޓެސްޓުކޮށްފައިވާކަމަށާއި، މަސްވެރިކަމަށް އައު ޖީލެއްގެ އުޅަނދުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!