448630_94b14b42-e_

މަސް ގަންނަ އެންމެ ދަށް އަގު 16 ރުފިޔާއަށް ބޮޑުކޮށްފި

މަސްގަންނަ އެންމެ ދަށް އަގު 16 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓްކަމަށްވާ 16 ރުފިޔާއަށް ގަންނަނީ ދޮޅުކިލޯއިން ފެށިގެން މަތީގެ މަސްކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ކިލޯއަކަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން އޮތްގޮތުން މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާނަމަވެސް، އުސޫލަށް ގެންނެވި ބަދަލާއެކު އެއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މަސް ގަންނަ ރޭޓުގެ އިތުރުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަދި 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމަށް މިހާރު ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވެގެންދާނެކަމަށެވެ.

"މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ، އެއީ 3 ޓަނަށްވުރެ މަތިން މަސްކިރާނަމަ 71 ލާރި އަގު ހެޔޮވާނެ، މަސްކިރާ ހުރިހާ ފަރާތްތަކަކަށް 13 ރުފިޔާ 90 ލާރިއަށް ތެޔޮ ވިއްކާނެ، 3 ޓަނަށްވުރެ ގިނައިން ކިރާނަމަ 13 ރުފިޔާ 72 ލާރިއަށް ތެޔޮ ލިބޭނެ، ޢާންމު ފަރާތްތަކަށް 14 ރުފިޔާ 43 ލާރިއަށް ތެޔޮ ގަންނަން ލިބޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ސްކިޑްތައް ކޮންމެ އަތޮޅެއްގައި ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތުގައިވެސް މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މިސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢާތަކީ ދިވެހި އިޤްތިޞާދުގެ ލޭނާރުކަމުގައި އަލުން ހެދުމަކީ ސަރުކާރުން ތަންފީޒުކުރާނެ މުހިންމު ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށާއި، ޒުވާނުން ޝައުޤުވެރިވާ ދާއިރާއަކަށް މިދާއިރާ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންކަން ރާވާފައިވާކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާޢަތަކަށް އަލުން ހަދަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފްކޯއަށް ބޮޑުކަންނެލި ގަތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށްކަމަށާއި ވީ އެންމެ އަވަސް މުސްތަޤުބަލެއްގައި އެކަން ފެށޭނެކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން އެކަން ކުރެވޭނެ ގޮތަކަށް އެމަސައްކަތް ކުރިއަށްގެންދިއުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، އެ ހުރިހާ ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދަވައިދެއްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!