446592_c507237e-b_

އަންގާރަ ދުވަހުގެ ރޭ ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

އަންނަ އަންގާރަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައި ވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ހީނާ ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ފަށައިފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 08:30ގައި އިމާދުއްދީން ސްކޫލުގައި ކަމަށް ވެސް ހީނާގެ ޕޯސްޓުގައި ވެއެެވެ.

މި ބައްދަލުވުމަށް މާފަންނުގެ ހުރިހާ ރައްޔިތުންނަށް ހީނާ ވަނީ ދައުވަތު އަރުވައިފައެވެ.

ރައީސް މުއިއްޒުވަނީ ކުޑަ މުއްދަތެއްގެތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރާތްކުރައްވައި އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފައެވެ. އަދި މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެ ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިހާރު ވަނީ ވިލިމާލެ ރައްޔިތުންނާއި، މައްޗަންގޮޅި ރައްޔިތުންނާއި މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!