447465_6dd7b927-5_

ރައީސް ވިޔަފާރިވެރިންނާއެކު ބާއްވާ ބައްދަލުވުން ޚާއްސަ ކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް މާދަމާރޭ ބާއްވަވާ ޖަލްސާ ޚާއްސަކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަސް ކަމަސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނަ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 08:30ގައި ސޯޝަލް ސެންޓަރުގައެވެ. މި ބައްދަލުވުމާ ގުޅިގެން ހީނާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ބައްދަލުވުމުގައި ބައިވެރި ވުމުގެ ދައުވަތު އަރުވާކަމަށެވެ.

މީގެކުރިން ހީނާ ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ފަށައިފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

ފާހަގަކޮށްލެވޭގޮތުގައި، މިރޭ ރައީސް ވަނީ މާލޭ ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ނިންމަވައިފައެވެ. އަދި އަންނަ ބުރާސްފަތިދުވަހުގެ ރޭ ރައީސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ހާމަކުރައްވައިފައެވެ.

ރައީސް މުއިއްޒު ވަނީ ކުޑަ މުއްދަތެއްގެތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރާތްކުރައްވައި އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފައެވެ. އަދި މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެ ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިހާރު ވަނީ ވިލިމާލެ ރައްޔިތުންނާއި، މައްޗަންގޮޅި ރައްޔިތުންނާއި މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!