ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މި ޚިދުމަތް ފެށުމާއެކު އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ.
ރައްޔިތުންނާ ގާތުން ޚިދުމަތްތައް ދިނުމަށް މިދިޔަ އަހަރު ނޮވެންބަރު މަހުން ފެށިގެން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމެވެ. މިފަދަ ޚިދުމަތެއް ފުރަތަމަ ފެށީ މެލޭޝިއާގައެވެ. އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ކަނޑައެޅި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިން ކާމިޔާބުކަމާއެކު ނިމިފައިވެއެވެ. ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ޚިދުމަތްތައް ގާތްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެކެވެ. އެއީ ރައްޔިތުންނަށް މާލެއަށް އަންނަން ޖެހޭ ބުރަ ކުޑަކޮށް، ރަށުގައި ތިބެގެން އަސާސީ މުހުތާދުތައް ފުއްދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައެވެ.