މިފްކޯއިން ޑިސެންބަރު މަހުގެ މިހާތަނަށް (23 ވަނަ ދުވަހާ ހަމައަށް) މަސްވެރިންނަށް 60.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން މަސްވެރިންނަށް ދޫކުރާ ފައިސާގެ ތަފްސީލު ކޮންމެ ދުވަހަކުވެސް އަންނަނީ މީޑިއާއާ ހިއްސާކުރަމުންނެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަން ރުފިޔާ ދޫކުރެއްވިއެވެ. އަދި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. މި ބަދަލާއެކު މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސް، މަސް ބާނާ މިންވަރާއި ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްދީފައެވެ. މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.