މިދިޔަ ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ބޮޑު އޮޕަރޭޝަން، އޮޕަރޭޝަން އަލިމަގުގެ ތެރެއިން މިހާތަނަށް 30.63 ގްރާމުގެ މަސްތުވާތަކެއްޗާއި 182 ދަޅު/ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަހަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ އަދާހަމަ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީޕް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، އޮޕަރޭޝަން އަލިމަގުގެ ތެރެއިން މިހާތަނަށް 67 ތަނެއް ބަލައިފާސްކުރެވިފައި ވާކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ އަދަދު 193 އަރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ 186 ފިރިހެނުންނާއި ހަތް އަންހެނުން ކަމަށެވެ.
މި އޮޕަރޭޝަންގައި ނުވަ ވެހިކަލާއި ކަނޑު އުޅަދެއް ވެސް ބަލައި ފާސްކޮށްފަިއ ވެއެވެ.
"މީގަ30.63 ކިލޯޯގްރާމްގެ މަސްތުވާތަކެތި ހިކިއެއްޗެހީގެ ގޮތުގައި އަޅުގަނޑުމެންނަށް ސީޒްކުރެވިފައި ވޭ. 182 ބަނގުރާ ފުޅި އަދި ދަޅު ހިމެނޭ ގޮތަށް ސީޒް ކުރެވިފައި ވޭ،"
މިއަހަރު މިހާތަނަށް ކުރެވުނު މަސައްކަތަށް އަލިއަޅުއްވައިލައްވާ އޭނާ ވިދާޅުވީ، މިހާތަނަށް މިފަދަ މައްސަލަތަކުގައި 16،024 މީހަކު ބަލައިފާސްކޮށްފައި ވާކަމަށެވެ. އަދި 997 މީހުން ހައްޔަރުކޮށް، 188 އޮޕަރޭޝަން މިއަހަރު ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގެއެވެ.
މީގެ އިތުރުން ފާތިހު ވިދާޅުވީ، މި އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ ހިކި އެއްޗެހީގެ ގޮތުގައި 498.9 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެވުން ކަމަސެވެ. މިތަކެތީގެ މަގުމަތީއަގު 871 މިލިއަނަށްވުރެ ބޮޑުވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
"އަދި ބަނގުރަލުގެ ގޮތުގައި ދަޅު ފުޅި ހިމެނޭގޮތަށް 6860 ބާވަތް އަޅުގަނޑމެންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ. އެއީ 3.9 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް. ޖުމުލަ އަޅުގަނޑުމެންނަށް ސީޒް ކުރެވިފައި ހުރި މަސްތުވާތަކެތި ހިކި އަދި ބަނގުރާ ހިމެނޭހެން އޭގެ މަގުމަތީގެ އަގަކީ875 މިލިއަންއަށްވުރެ ބޮޑު އަދަދެއްކަމަށް އަލޫގަނޑުމެންނަށް ލަފާ ކުރެވިފައި ވޭ،" ފާތިހު ވިދާޅުވިއެވެ.
މިފަދަ އޮޕަރޭޝަންތައް ހިންގުމަށް އިދާރާތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކުރައްވައިފައެވެ.