މާލޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ14 ވިޔަފާރިއެއް ބަލައިފާސްކޮށް، ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން އެ އިދާރާއިން ބުނީ، މިއީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ކުރިއަސް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ސްޕާތަކާއި ސެލޫންތައް ވެސް ބަންދުކުރަން އޮޕަރޭޝަނެއް ފަށައިފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ހޯމް މިނިސްޓަރީން ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. މި މަސައްކަތްތަކުގެ ތެރެއިން ބައެއް ބިދޭސީން ޑީޕޯޓުކޮށްފައި ވާއިރު، ގަވާއިދަށް ފެތުމުގެ ފުރުސަތު ވެސް ބިދޭސީންނަށް ދެއެވެ.
މީގެއިތުރުން،ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރާތީ އާއި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް ބައެއް ބިދޭސީން ދަންވަރު އުޅެމުންދާތީ ދަންވަރު 12އިން ފެށިގެން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން މިހާރު ވަނީ ފަށައިފައެވެ.