މަސްވެރިކަމާއި ގުޅޭ

ކުލަ ބޮއްމަސް - ފޮޓޯ: ވިކީޕީޑިއާ

ކުލަ ބޮއްމަސް

މިއީ ރާއްޖޭގެ ފަރުތަކުގެ ބޭރުގައްޔާއި އެތެރެވަރީގެ ކަނޑުތަކުގެ އަޑީގައި އުޅޭ މަހެކެވެ.

މިއީ ކަނޑުގެ އަޑީބައިގައިއުޅޭ ވަރަށް ޙަރަކާތްމަދު ފޮއްމަހެކެވެ. ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިބާވަތުގެ މަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްސަ ނަމެއް ކިޔާ ނޫޅޭތީ މަހުގެ ސިފައަށާއި، ކިޔާއުޅޭ ޢާންމު އިގިރޭސިނަމަށް ބަލާ މިބާވަތުގެ މަހަށް "ބޮއްމަސް" ކިޔާ އެބާވަތުގެ މަހުގެ ތެރެއިން މިބާވަތަށް "ކުލަ ބޮއްމަސް" ކިޔާ ނަންދީފައިވަނީއެވެ. މިއީ އާދަޔާޚިލާފު މޮޅަށް އެސޮރު އުޅެމުންދާ މާޙައުލާއި އެއްކުލައަކަށް މަހުގެ ކުލަބަދަލުކުރާ މަހެއްކަމުން އަޑިއަށް ފީނާ އުޅޭ މީހުންނަށްވެސް މިބާވަތުގެ މަސް އަޑީގައި އުޅެނިކޮށް ދެނެގަތުންވަނީ އުނދަގޫކަމަކަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ހުންނަ 3 ހަރުކަށި ހުރެއެވެ. ފުރަތަމަކަށި އެހެނިހެން މަސްމަހާއި ޚިލާފަށް ވަދެއްގެ ގޮތަށް އުފެދިފައި ހުރެއެވެ. މި "ވަދުން" އެހެނިހެން ކުދިކުދި މަސްމަހާމެހި އޭގެ ކައިރިއަށް ގެނުވާފަދަ ކުދި ލުއްކިތަކެއްޖަހާ މަސްތައް ގާތްވުމުން މަހުގެ މައްޗަށްވާގޮތަށް ހުންނަ ބޮޑު އަނގައިން ކާނާ އެކުގައި ޝިކާރަކޮށްލައެވެ.

މަހުގެ ލޯ ކުޑަވާނެއެވެ. އަދި ލޯ ހުންނަނީ މަހުގެ ބޮލުގައި ހުންނަ "ވަދު"ގެ ތިރީން ބޮލުގެ މަތީބައިގައެވެ. މިއީ އަޑީގައި އުޅޭއިރު ތަފާތު ކުލަތަކެއް ގެންނަ މަހެކެވެ. ގިނައިން ފެނިފައި ހުންނަނީ ރަތްމުށިކުލައެއްގައެވެ. އަދި މުށިކުލައިގައި ތަފާތު ކުލަތަކުން ލައްތައްޖެހިފައި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 13 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Scarlet frogfish, Freckled angler
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ލ. އަތޮޅުގައި ތި މަހަށް ކިޔަނީ ގާވިހަމަސް

  2. ތީ ބަރުވާ މަހެއް، ގާވިޔަމަސްވެސް ކިޔާ. ވަރަށް ވިހަގަދަ ވާނެ ތީގެ ކަށި

Comments are closed.