ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތަކެތި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފި

Whats_App_Image_2025_12_26_at_17_16_25_182e5da5d0

ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ދިވެހި ފުލުހުންގެ ޚިދުމަތަށް އިއްޔެ ހަދިޔާކޮށްފިއެވެ.

މި ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެންނެވެ.

މި ތަކެތި ހަވާލުކުރުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، އެންޑީއެމްއޭ ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއާއި، އެންޑީއެމްއޭ އާއި، ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައިސީޕީ ނަވީން ދެއްކެވި ވާހަކަފުޅުގައި، 2004 ޑިސެމްބަރު 26ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އައުކުރައްވައި އެ ދުވަހު ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ކާރިސާތަކާއި ހާދިސާތަކުގައި ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވީތީ އެންޑީއެމްއޭ އާއި ޔޫއެންޑީޕީގެ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހިސާން ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަށް މި ތަކެތި ހޯދައި ދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ރަށްރަށުގައި ގާއިމުވެ ތިބެ، މުޖުތަމައުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު މި ހަވާލުކުރެވުނު އާލާތްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖުމުލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މި އެހީގެ ދަށުން ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއާ، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީޕީއީ) ހިމެނެއެވެ.

މި ތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެއްޗެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމެވެ. މިގޮތުން ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫއުން ބޮޑު އިސްކަމެއްދެއެވެ.

ޔޫއެންޑީޕީން ފާހަގަ ކުރާގޮތުގައި މި އެހީތެރިކަމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާއި، އިންޒާރުދޭ ނިޒާމުތައް ކުރިއާލައި ވަރުގަދަކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ