އަންނަ ރޯދަމަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަހަރު މިހާތަނަށް 21 ގުރުއާން ހިތުދަސްކޮށް ނިންމައި އިމްތިހާން ހަދާފައި ވާކަމަށެވެ. އަދި ހަތް ކުއްޖެއްގެ އިމްތިހާން މިހާރު ކުރިއަށްދާއިރު، އެއްކުއްޖަކު އިމްތިހާނަސް ތައްޔާރުވެފައި ވާކަމަސް ވެސް ޝަހީމް ލިޔުއްވާފައި ވެއެވެ.
"އަންނަ ރޯދަމަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ. މިއީ މިދިޔަ އަހަރާ ބަލަފައި އިތުރު އަދަދެއް،" ޝަހީމް ލިޔުއްވާފައި ވެއެވެ.
ޝަހީމްގެ ޕޯސްޓުގައި އިތުރަށް ވަނީ، އަންނަ ރޯދަމަހުގެ 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާސިލްކުރާނެކަމަށެވެ. ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކޮށްފައި ވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.