ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްއޭސީއެލްއިން ފުލުހުންނާއި އެމްނެޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

6237926341286235312

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަފުލާއެއްގައި އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. އެމްނެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ދެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދުއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، ފުލުހުންނަށާއި އެމްނެޓްސްއަށް ކަނޑައަޅާފައިވާ ދައުރުތަކާއި ޒިންމާތައް އަދި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ފުލުހުން އަދި އެމްނެޓްސްގެ ތަޖުރިބާ އާއެކު ކާރިސާތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި މުއާސަލާތީ ގުޅުމާއި ކޯޑިނޭޝަން ހަރުދަނާކުރުމަށާއި މެދުނުކެނޑި ކަންކަން އިސްލާހުކޮށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ, ވީއައިއޭއަކީ ރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބިނާވެގެންވާ އެއް ފެސިލިޓީއަށްވާއިރު, މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ވަރަށް މުހިންމު އެއްބަސްވުންތަކެއް ކަމަށެވެ. އަދި ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް އެކި މުއައްސަސާތަކާއެކު އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް އެމްއޭސީއެލް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީވެސް ފުލުހުންނާއި އެމްނެޓްސްގެ އިތުރުން ސިއްހީ އިދާރާތަކާއި އެހެނިހެން އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރެވިގެން ކަމަށެވެ.

ހަފުލާގައި ވާހަކަފުޅުދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ އެއާޕޯޓުގެ އިމަޖެންސީ ކަންކަމުގައި އެމްއޭސީއެލް އާއެކު ފުލުހުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްއޭސީއެލް ކޮންމެ ކަމަކަށްވެސް ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމާއެކު އެމްއޭސީއެލް އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ, އެއާޕޯޓް ބޭނުންކުރާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްނެޓްސްގެ އެމްޑީ ތޯހާގެ ވާހަކަފުޅުގައި މިފަދަ މުހިންމު އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި އެހީތެރިވި ހުރިހާ ބޭފުޅުންނަށް, ހާއްސަކޮށް އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ހަފުލާގައި ފުލުހުންގެ އިސްވެރިންނާއި އެމްނެޓްސްގެ އިސްވެރިން އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ