ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ރައީސްގެ ގަރާރަކުން ނިންމަވައިފި

HDh-Hirimaradhoo

ހދ. ހިރިމަރަދޫގެ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ނިންމަވައިފިއެވެ.

ރައީސްގެ ގަރާރުން ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އިސްލާހު ގެންނަވައިފައެވެ.

ރައީސް އޮފީހުން ބުނީ އަންނަ އަހަރުގެ އެޕްރީލް ހަތަރުވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚެއް ކަމަށެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމަކީ މި ގަރާރުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުމަށް ނިންމައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ހިމަނާފައި ވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީޚުން ފެށިގެން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ހިރިމަރަދޫގެ އާބާދީގައި ގާތްގަނޑަކަށް 583 ރައްޔިތުން ތިބޭއިތު އެރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 300 މީހުންނެވެ.

ހިރިމަރަދޫ މީހުން އެދުނީ ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް، އެރަށު މީޙުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައި ސަރުކާރުން އެކަން ފުރަތަމަ އިއުލާނުކުރީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ