ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ހަތަރު ގެއެއްގެ ފުރާޅު، ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް ހަތަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާތީ، އެ ގެތަކަށް ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައި ވާކަމަށް އެ އިދާރާއިން ބުންޏެވެ. މި ހަތަރު ގޭގެ ފުރާޅު އެއްލާލައިފައި ވަނީ ރޭ 11:20އިން ފެށިގެން މިއަދު ހެނދުނު 08:00އާ ދޭތެރޭގައެވެ.
މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބަހެއް މިހާތަނަށް ނުލިބޭތީ މި ހާދިސާއާ ގުޅިގެން އެއްވެސް ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިންތޯ އަދި ސާފެއް ނުވެއެވެ.
މިފަދަ ހާދިސާތަކުގައި ލިބޭ ގރެއްލުމުގެ ސަބަބުން އެ އިދާރާއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނަމަ އެކަން ކޮށްދެއެވެ.