އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމާފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިހާރު ވެސް ވަނީ "ރިވެލި"ގެ ނަމުގައި އައު އަހަރާ ދިމާކޮށް މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނއް ފަށައިފައެވެ. މިއީ އެ އޮޕަރޭޝަންގެ ތެރެއިން ހަމައެކަނި ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ އާ އަހަރާ ގުޅިގެން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައި ވާކަމަށެވެ. މި އޮޕަރޭޝަނަކީ، މި ހަރަކާތްތަކާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް އަރައި ފައިބާނެތީއާއި ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބާރު ބޮޑުވާނެތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ މިރޭ 07:00ގައެވެ.
މި އޮޕަރޭޝަނާ ގުޅިގެން ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.