ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިއްޖެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
"މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް" ރައީސްގެ ޕޯސްޓުގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، މި މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް އަދި މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކުގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެ، އެންމެންގެ ހިޔާލު ވެސް އެފަދަ ކަންކަމުގައި އެއްގޮތްވެގެންކަމުގައި ވިދާޅުވިއެވެ.
މަސާޖު ޕާލާތައް ބަންދު ކުރުމަށް އޮޕަރޭޝަނެއް ފެށީ 9 ޑިސެންބަރު 2025 ގައެވެ.