ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް, ޓާމިނަލް އެކަކަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު ވީއައިއޭގެ ޓާމިނަލް އެކެއް ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ. ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ޓާމިނަލް އެކަކުން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް މި އެއާޕޯޓުން ހިދުމަތް ދީފައި ވާކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
ޓާމިނަލް އެކަކަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް, ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މި ހަފުލާގައި ޓާމިނަލް އެކަކަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފެށުމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ 26 ޖުލައި 2025 ގައި އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ އަދި ބޮޑު މަސައްކަތް ފާހަގަކުރައްވައިފައެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން, އެ މުވައްޒަފުންގެ އާއިލާއާ ދުރުގައި އެތައް ގަޑިއިރެއް ހޭދަކުރި އިރު, އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތްކުރީ އަމިއްލަ ނަފުސު އެއްފަރާތްކޮށް, އެމްއޭސީއެލް ވަންތަވެގެން ކަމަށް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ, ޓާމިނަލް އެކެއް ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމަށާއި އެމްއޭސީއެލްއަށް ކޮށްދިން ކަމެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. އަދި މުވައްޒަފުންގެ އަމާޒަކަށްވާންވީ ގުޅިގެން މަސައްކަތްކޮށް, ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް މި އަހަރަށްވުރެ ކާމިޔާބު އަހަރަކަށް އަންނަ އަހަރު ހެދުމަށް ކަމަށް ވިދާޅުވިއެވެ.