ރައީސް ޑރ. މުހައްމަދު މުއިއްޒު، މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ބޭރު ގައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށާ، ބައިނަލްއަގްވާމީ ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.
ރައީސް، ރަޙްމަތްތެރި ގައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، މީލާދީ އައު އަހަރުގެ މުނާސަބަތުގައި އެ ގައުމުތަކުގެ ވެރިންނަށާއި، ގައުމުތަކުގެ ސަރުކާރުތަކަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އައު އަހަރުގެ ތަހުނިޔާއާއި ހެއުއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި އަދި ކާމިޔާބު އަހަރަކަށް ވުމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ހަމަ އެހެންމެ، މި ފެށޭ އައު އަހަރަކީ، އެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުން އިތުރުވާނެ އަހަރަކަށް ވާނެކަމަށް، އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް، ބައިނަލްއަގްވާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުތަކުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިއެވެ.