އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މައުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
ދުނިޔޭގެ ބްރެއިލް ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތަކާއި، އަމިއްލަ މިނިވަންކަމާއި، އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މައުލޫމާތާއި ހަމަހަމަފުރުސަތުތައް ލިބިގެން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި، ނިންމާ ކޮންމެ ނިންމުމެއްގައި ވެސް އެންމެންގެ ބައިވެރިވުން ޝާމިލުވާ، އަދި އެއްވެސް މީހަކު ބާކީނުވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހިއްސާކުރެއްވި މެސެޖްގައި ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރައްވައި، އެފަރާތްތަކުގެ ދިރިއުޅުމުގައި ބްރެއިލް ނިޒާމު އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.
ޢިލްމު އުނގެނުމަކީ ވަކި ބަޔަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ފާހަގަކުރައްވައި އެންމެން ޝާމިލްވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް އަޅާލުމާއި ހަމްދަރުދީވުމުގެ މުހިންމުކަން ވެސް އެކަމަނާގެ މެސެޖްގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި އޯގާތެރިކަމާއި އަޅާލުން އިސްކުރުމަށް ގޮވާލައްވައި، ކޮންމެ ފަރުދަކީވެސް މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، އެހީތެރިކަން ލިބޭ، އަދި ފަރުދަކީވެސް ބާރުވެރި ފަރުދެއްކަމުގެ އިޙްސާސް ކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެއްވުމަށް އެކަމަނާ ބާރުއަޅުއްވާފައިވެއެވެ.