"ޒަކާތު ކައުންސިލް" ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްްގައި ވަނީ، ޒަކތު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތި ލެވޭނީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންނަށް ކަމަށެވެ. އެ ކައުންސިލަސް ހޮވަނީ ދެ މެމްބަރުންނެވެ.
މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސ އޮފީހުންނެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.