3_Suspects_5c2d2302fa

ބާރަށަށާއި ނަރުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި

ހއ. ބާރަށާއި ށ. ނަރުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބާރަށުން ދެމީހަކާއި ށ.ފުނަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ:

  • ހއ. ބާރަށް / ޕާޓްރާ ،ޢަލީ ތަސްލީމް (39އ)
  • ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ)
  • ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) އެވެ.

މި ތިން މީހުންގެ ތެރެއިން ޢަލީ ތަސްލީމް އަދި ޝަރަފުއްދީން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި ރައްކާކޮށްގެން ބާރަށަށް މަސްތުވާތަކެތި އެތެރެކުތަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ފުލުހުން މި މަހު 8ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި ބާރަށު ޖެޓީ ސަރަހައްދުން މި ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ފުލުހުން ބުނީ، އާދަމް ފަތުޙީ ހައްޔަރުކޮށްފައިވަނީ ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. މި މަހު 8ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފުނަދޫ ބަނދަރުމަތިން އާދަމް ފަތުހީ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަތަކުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް ހަތްދުވަސް އަދި ޢަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އާދަމް ފަތުޙީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *