އޮޕަރޭޝަން އަލިމަގުގެ ތެރެއިން މިހާތަނަށް ގއ. އަތޮޅުން ހަތަރު މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ގއ. އަތޮޅާއި މާލޭގައި މިއަދު ދަނީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. ފުލުހުން ބުނީ، މި އޮޕަރޭޝަންތަކުގެ ތެރެއިން10 ގެއެއް ބަލައި ފާސްކޮށްފައި ވާކަމަށެވެ.
މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯނަޑަރިންގެ އަމަލުތައް ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަށް އަމާޒުކޮށްގެން ހިނަގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކޮށް، ގާގޫނު ތަންފީޒު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.
"މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންޕޯސްމަންޓް ވިންގު ގުޅިގެން،" އެ ބަޔާނުގައި ވެއެވެ.
އޮޕަރޭޝަން އަލިމަގަކީ މިދިޔަ ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 30.63 ގްރާމުގެ މަސްތުވާތަކެއްޗާއި182 ދަޅު/ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ އިދާރާއިން މީގެކުރިން ވަނީ ބުނެފައެވެ.