މިދިޔަ ހަފުތާގައި ސްކޭމްގެ42 މައްސަލައެއްގައި ފަސް ލައްކައަށްވުރެ ގިނަ ފައިސާ ގެއްލިއްޖެއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ދިހަވަނަ ދުވަހާ ހަމައަށް ސްކޭމްގެ42 މައްސަލައެއް ރިޕޯޓުކޮށްފައި ވެއވެެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 501،582 ރުފިޔާއަށް އަރާއިރު، މީގެތެރެއިން އަނބުރާ ހޯދިފައި ވަނީ 243،032 ރުފިޔާއެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނަ ބަޔަކު ސްކޭމް ކޮށްފައި ވަނީ އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެގޮތުން، މިފަދަ ފްލެޓްފޯމްތައް މެދުވެރިކޮށް16 މީހަކު ސްކޭމްކޮށްފައި ވާއިރު، އެހެނިހެން ގޮތްގޮތުން11 މީހަކު ސްކޭމް ކޮށްފައި ވެއެވެ. މިދިޔަ ހަފުތާގައި ސްކޭމް ކޮށްފައިވާ އިތުރު ގޮތްގޮތް:
- އިންޕާސަނޭޓް:6
- ކަރަންސީ އެކްސްޗޭންޖް:7
- ފިޝިން ލިންކް:2
ފުލުހުން ވަނީ ސްކޭމްތައް ހުއްޓުވުމަށް ނުދަންނަ ނަމްބަރުތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް އެދިފައެވެ. އަދި ޝައްކު ކުރެވޭ ކޯލެއް ލިބިއްޖެ ނަމަ ވަގުތުން ކޯލް ކަނޑައިލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.