ގަވާއިދާ ޚިލާފަށް ބިދޭސީން ކުރި ފަސް ވިޔަފާރިއެއް ބަލައިފާސްކޮށް، އިތުރު ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، މިއީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ތިން ބިދޭސީންނާ ގުޅޭ އިތުރު މައުލޫމާތެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ ވެސް އިމިގްރޭޝަނުން ވަނީ ނުގަވައިދުން ވިޔަފާރިކުރި ތިން ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެކުރިން އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރި ރިޕޯޓުކުރުމަށް އެދި އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ 27ވަނަ ދުވަހު އިއުލާނެއް ކުރި ކަމަށެވެ. އެ އިއުލާނާ ގުޅިގެން125 ރިޕޯޓެއް ލިބުނު ކަމަށާއި މިހާރު11 ވިޔަފާރިއެއް ބަންދުކޮށްފައި ވާކަމަށެވެ.
މީގެއިތުރުން، މި ރިޕޯޓުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގައުމީ ފެންވަރުގައި އެކުލަވައިލައިފައިވާ ނޭޝަނަލް ޓާސްކްފޯސްއިން އިންސްޕެކްޝަންތައް ފަށައިފައި ވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، މި އިންސްޕެކްޝަންތަކުގެ މަގުސަދަކީ ދިވެހީން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްސަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވައި، ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުންކަމަށެވެ.
މި އިންސްޕެކްޝަންތަކުގެ ތެރެއިން މިހާރު20 ކެފޭއަކާއި،12 ރީޓެއިން އައުޓްލެޓަކާއި، ދެ ގަރާޖަކާއި، ގެސްޓްހައުސްއެއް ހިމެނޭހެން މުޅި ޖުމުލަ35 ތަނެއް އިންސްޕެކްޓް ކޮށްފައިވާކަން މިނިސްޓްރީން ހާމަކުރިއެވެ.