މިދިޔަ ހަފުތާގައި މާލޭ ސަރަހައްދުގައި67 އެކްސިޑެންޓް ހިނގާފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން10ވަނަ ދުވހާ ހަމައަށް މާލެއާއި ބްރިޖާއި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓްގެ އަދަދެވެ. މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓް ހިނގީ ހައެއް ޖަނަވަރީ ވީ އަންގާރަ ދުވަހުއެވެ. އެ ދުވަހު13 އެކްސިޑެންޓް ހިނގާފައިވާއިރު، ޖެހިގެން އަދި ބުދަ ދުވަހު12 އެކްސިޑެންޓް ހިނގާފައި ވެއެވެ. އޭގެ ކުރީ ހޯމަ ދުވަހު11 އެކްސިޑެންޓް ހިނގާފައި ވެއެވެ.
މި އެކްސިޑެންޓްތަކުގެ ތެރެއިން ބޮޑު އެކްސިޑެންޓެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެންމެ އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓްތަކުގައި ފަސް މީހުންނަށް އަނިޔާވެފައި ވާއިރު، 87 ވެހިކަލަށް ގެއްލުން ލިބިފައި ވެއެވެ.
އަދި މި އެކްސިޑެންޓް ތަކުގެ ތެރެއިން 11 އެކްސިޑެންޓެއް ބްރިޖާއި ހައިވޭގައި ހިނގާފައި ވާއިރު، 56 އެކްސިޑެންޓް ހިނގާފައި ވަނީ މާލޭގައި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ އެކްސިޑެންޓްތަކުގެ 84 ޕަސަންޓެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އެކްސިޑެންތްތައް ހިނގަނީ ދުވާލު ގަޑީގައެވެ. އެއީ 47 އެކްސިޑެންޓެވެ. ރޭގަނޑުގަޑީގައި ހިނގާފައި ވަނީ 21 އެކްސިޑެންޓެވެ.
މި އެކްސިޑެންޓްތަކުގެ ތެރެއިން ސައިކަލާއި ސައިކަލު އަދި ސައިކަލާއި ކާރު ޖެހިގެން ވެސް19 އެކްސިޑެންޓް ހިނގާފައި ވެއެވެ.
ރާއްޖޭގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓް ތަކުގައި މީގެކުރިން މީހުންގެ ފުރާނަ ގެއްލިފައި ވެސް ވެއެވެ.