މާލެ ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ދޭން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ޕީއެންސީ އޮފީހުގެ ތިރީބައިގައި އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ މާލޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ފެށީ 2021 ވަނަ އަހަރު މިހާރުގެ ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގައި ކަމަށެވެ.
"ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތް ކުރެއްވި. ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވެވި. އެ ބައްދަލުވުންތަކަކީ ސިލްސިލާކޮށް ބޭއްވެވި ރައްޔިތުންގެ އަޑު ގާތުން އެއްސެވި ހާލު އަހުވާލު ބެއްލެވި. މޭޔަރު ކަަމުގައި ހުންނަވައި އެޕޮއިންޓްމަންޓަކަށް އެދުނު ކޮންމެ މީހަކާ، ރައްޔިތަކާ ބައްދަލު ކުރެއްވި" ޖަލީލް ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭގައި އެތައް ޒަމާނެއް ވަންދެން ހައްލު ނުކުރެވި ހުރި ކަންކަން ހައްލު ކޮށްދެއްވި ކަމަށާއި ތަފާތު އެކި އުނދަގޫތަކުން މާލޭގެ ރައްޔިތުން ސަލާމަތް ކޮށްދެއްވި ކަމަށެވެ.
ޖަލީލު އިތުރަށް ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތް އިންފާރެއްގެ ގޮތުގައި ބައްލަވައިގެން ކަަމަށެވެ. އަދި މާލޭ ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނާނެ ކަމަށާއި ބޭނުންވަނީ މާލެއަށް "މާ ޗާލު ހާއުފާވެރި މާ ހިތްގައިމު އާ ޒަމާނެއް ހޯދައިދިނުން" ކަމަށް ވިދާޅުވިއެވެ.
އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރައްވައި، ފެބްރުއަރީ، 2012 ގައި ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލަށް ވަނީ ނޮވެމްބަރު، 2024 ގައި ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވައިފަ އެވެ.