ހަމުގެ މައްސަލަތަކަށް ބޭނުންކުރާ ބޭހެއް މޫނުގެ ހަންގަނޑު ރީތިކުރަން ބޭނުންކުރާ ބޭހެއް ގޮތުގައި ބައެއް އޮންލައިން ޕޭޖުތަކުން އިޝްތިހާރުކޮށް، ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގައި ވާގޮތުގެ މަތިން އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކުރާ ބޭހަކީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ،.
ނަމަވެސް، މިހާރަކަށް އައިސް ނަގަން ޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަސް ބޭނުންކުރާ ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކާކަން ފާހަގަކުރެވިފައި ވާކަން އެ އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.
"އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގިލްޓައިޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުލާ އަޒެލިކް އެސިޑަކީ މޫނުގެ ހަންގަނޑު އަލިކޮށް ރީތިކުރާ ބޭހެއް ކަމަށް ކްލެއިމްކޮށް، އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް، ވިއްކަމުން ދާކަން ވެސް ވަނީ ފާހަގަކުރެވިފައި،" އެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައި ވަނީ މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭސްތަކެއް ކަމަށެވެ. އަދި މިފަދަ ބޭސްތައް ދޫކުރާނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީއަށް ކަމަށާއި މިފަދަ ބޭސްތަށް ޑޮކްޓަރުގެ އިރުޝާދާ ނުލަިއ ބޭނުންކުރުމުން ހީވެސް ނުކުރާފަދަ ހިތާމަވެރި ހާލަތަކަށް ތިމާ ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިއުލާނުގައި ވެއެވެ.
އެހެންކަމުން، މިފަދަ ބޭސްތައް ހުއްދަ ނުނަގައި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ އޮތޯރިޓީން ވަނީ ދީފައެވެ.