މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިމަހުގެ ފަނަރަވަނަ ދުވަހާ ހަމައަށް ރައްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބު ހިއްސާކޮށްފައެވެ. މި ތަފާސްހިސާބުން ދައްކާގޮތުގައި މިމަހުގެ ފަނަރަ ވަނަ ދުވަހާ ހަމައަށް 99،350 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިދިޔަ އަހަރު ޖަނަވަރީ ފަނަރަވަނަ ދުވަހާ ހަމައަށް ރާއްޖެ އައީ90،659 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ9.9 ޕަސަންޓު އިތުރު ވެފައެވެ.
ފާއިތުވި ތިން އަހަރާ އަޅައި ބަލާއިރު ވެސް މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިއަހަރުއެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ، ރަޝިއާ ފަތުރުވެރިންނެވެ. އެ ގައުމުން16،686 ފަތުރުވެރިން އައިސްފައި ވާއިރު 11،985 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނަގައި އުޅެނީ އިޓަލީއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން8،159 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ އެއާޕޯޓުން 98،012 ފަތުރުވެރިން އައިސްފައި ވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ހަނިމާދޫ އެއާޕޯޓުންނެވެ.