ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާ ގުޅިގެން ރާއްޖޭގެ ބޭންކިން ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިން އެވެ.
ބީއެމްއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ޗާޓާޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހުޅުވާނެ ކަމަށެވެ.
ބީއެމްއެލުން ބުނި ގޮތުގައި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބޭންކިން ދާއިރާއާ ގުޅޭ ގޮތުން މީހުން ތަމްރީނުކުރުމަކީ އެ ބޭންކުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ،
އެގޮތުން މިހާރުވެސް ބީއެމްއެލް އެކަޑަމީން އަންނަނީ އެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕް ފުރުސަތު ދެމުންނެވެ.