ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާމިގިލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީއަކީ، މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޕާޓީއެވެ.
އެނގިފައިވާ ގޮތުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހަމައެކަނި މާމިގިލި ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށް ނިންމައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމައިފައެވެ.
ޖޭޕީން އެ ފަދަ ނިންމުމެއް ނިންމިއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވާފައެވެ.
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީގެ ކެނޑިޑޭޓުން ވާދަކުރާނެއެވެ.