މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ އަދި ބްރިޓިޝް ހައި ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި ލިބޭ އިއާދަނުކުރެވޭފަދަ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އިއްޔެ ބޭއްވި މި ބަދަލުވުމުގައި މިނިސްޓްރީ ތަމްސީލުކުރެއްވީ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް ގެ ޑިރެކްޓާ ޖެނެރަލް އަމްޖަދު އަބްދުﷲއެވެ. ބްރިޓިޝް ހައި ކޮމިޝަންގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ބްރިޓިޝް ހައި ކޮމިޝަނާ ހިސް އެކްސަލެންސީ ނިކް ލޯ، ހެޑް އޮފް މޯލްޑިވްސް އެންޑް އިންޑިޔަން އޯޝަން ޓީމް އެޝްލީ ރޯޖާސް އަދި ޕޮލިޓިކަލް އެންޑް ކޮމިއުނިކޭޝަންސް އޮފިސާ ސައިނާ ސައީދެވެ.
މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމާއި، ކަނޑު ގަދަވުން ފަދަ ކުއްލި ހާލަތްތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ދުރު ރާސްތާއަކަށް ނިސްބަތްވާ ގެއްލުންތައް ފާހަގަކޮށް، މިފަދަ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެވިދާނެ ފަންނީ އަދި މާލީ އެހީއާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާ ކޮށްފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިގޮތުން، ބައިނަލްއަގުވާމީ ކްލައިމެޓް ފަންޑުތަކުން މާލީ އެހީ ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސްކަތްތައް ހިއްސާކޮށް، ރާއްޖެއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރިކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި މި ބަދަލުތަކަށް ހޭނުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި އިނގިރޭސިވިލާތުން ކުރުމުންދާ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ފުރުސަތުތައް ހޯދުމާގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.